
ރަށުގެ ވަނަވަރު
ނައިވާދޫއަކީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅާއި ޖެހިގެން އޮންނަ ހދ. އަތޮޅުގެ 34 ރަށުގެ ތެރެއިން މީހުންއުޅޭ 13 ރަށުން އެއް ރަށެވެ. ބިމުގެ ގޮތުން 30.32 ހެކްޓަރ ހުންނަ މިރަށަށް ދީފައިވާ އިނގިރޭސި އަކުރަކީ ބީ-5 އެވެ. ޖިއޮގްރަފީ ގޮތުން ރަށް އުފެދިފައިވަނީ، ލެޓިޓިއުޑް N 6 44’ 48] އަދި ލޮނޖިޓިއުޑް E 72 56’ 5] ގައެވެ. ނައިވާދޫއަކީ ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ހުޅަނގުއުތުރުން އެންމެ ބޭރުގައި އޮންނަ ރަށެވެ. ދުރުމިނުގައި މާލެއާއި ނައިވާދޫއާ ދެމެދު 290.49 ކިލޯމީޓަރހުރެއެވެ. އަދި އަތޮޅުވެރިކަންކުރާ ރަށް ކުޅުދުއްފުއްޓާއި ދެމެދު 19.8 ކިލޯމީޓަރު ހުރެއެވެ.
ނައިވާދޫއަކީ ޤުދުރަތީ ގޮތުން އުފެދުމުގައި އާނުގަނޑު މަތީ ރަށެއްކަމުގައި ވިޔަސް ނައިވާދޫއަކީ ރަށުގެ ވަށައިގެން ސާފު ދޮންވެލިން މުއްސަނދިވެފައިވާ ގޮނޑުދޮށަކާއި ސާފުރީތި މޫދެއް ލިބިފައިވާ ރީތި ހިތްގައިމު ރަށެކެވެ.
2022 ވަނަ އަހަރުގެ ބޯހިމެނި އިރު ނައިވާދޫގެ އާބާދީއަކީ އަންހެން 448 އަދި ފިރިހެން 450 ޖުމްލަ 898 އެވެ.