ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޓީމް ނައިވާދޫ ކުޅުނު 2 މެޗުންވެސް ކުރި ހޯދާއފި
2025 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ހދ. ނައިވާދޫ ޓީމުން ބައިވެރިވެ، މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ކާމިޔާބު ހޯދާފައިއެވެ. ނައިވާދޫ ޓީމުން ފުރަތަމަ ބައްދަލުކުރި މެޗުގައި ކުޅެފައިވަނީ ހދ. ވައިކަރަދޫއާ ދެކޮޅަށެވެ. މި މެޗުގައި ނައިވާދޫ ޓީމުން ވަނީ 0 – 4 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގައި ނައިވާދޫ ޓީމުގެ ކުޅުންތެރިން ދެއްކި ހުނަރުވެރި ކުޅުމާއި ޓީމްވަރކަށް ވަނީ ގިނަ ބަޔެއްގެ ތަޢުރީފު ލިބިފައެވެ. ހަމައެއާކު އެމެޗުގެ މޭން އޮފް ދަ މެޗްއަކަށް ހޮވިފައިވަނީ ޓީމް ނައިވާދޫގެ ޖަރސީ ނަމްބަރ 9، އަބްދުﷲ ވިސާމްއެވެ. ދެވަނަ މެޗުގައި ނައިވާދޫ ޓީމުން ބައްދަލުކުރީ ހދ. ނޮޅިވަރަމާއެވެ. މި މެޗުގައި ވެސް ނައިވާދޫ ޓީމުން ވަނީ 1 – 5 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ނައިވާދޫ ޓީމުގެ ކުޅުންތެރިން ދެއްކި ޢަޒުމާއި ހިތްވަރު ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ދެން އޮތް މެޗު ނައިވާދޫ ޓީމުން ބައްދަލުކުރާނީ ޓީމް ނެއްލައިދޫއާއެވެ. މި މެޗާ ދޭތެރޭ ރަށުގެ ގިނަ ރައްޔިތުން ވަރަށް ބޮޑަށް ޝައުޤުވެރިވެފައިވާކަން ފާހަގަކުރެވެއެވެ. ނައިވާދޫ ޓީމް މިހާރު ވަނީ ޓޭބަލްގެ އެއްވަނައިގައިކަން ފާހަގަކޮށްލަމެވެ. މި މުބާރާތަކީ ފާއިތުވެދިޔަ އަހަރު ތަކުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ މުބާރާތެކެވެ.