ޓީމް ނައިވާދޫ 7 ވަނަ ފަހަރަށް ހދ އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި
ގޯލްޑަން ފުޓްސަލް 2025 ޗެލެންޖްގައި ހދ. ނައިވާދޫ ފުޓްސަލް ޓީމް ވަނީ 7 ވަނަ ފަހަރަށް އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފައެވެ. މި މުބާރާތުގެ ފައިނަލްގައި ނައިވާދޫ ޓީމް ވާދަކުރީ ހދ. ނޭކުރަންދޫ ޓީމާ ދެކޮޅަށެވެ.
2025 ފެބްރުއަރީ 01 ވަނަ ދުވަހު ރޭ ކުޅެވުނު، ފައިނަލް މެޗުގައިނޭކުރަންދޫ ޓީމްގެ މައްޗަށް ޓީމް ނައިވާދޫން އިން ކުރި ހޯދީ0-3 ގެ ނަތީޖާ އަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ނައިވާދޫގެ އަބްދުﷲ ޝާފިޢުއެވެ.
ހދ އަތޮޅުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫ ޓީމުގެ އަބްދުﷲ ޝާފިއުއެވެ. އަދި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައި ނައިވާދޫ ޓީމުގެ މުޙައްމަދު ޝާއިން ވެސް ހިމެނިފައިވެއެވެ.
ހދ އަތޮޅުން ކާމިޔާބު ހޯދުމާއެކު، ނައިވާދޫ ޓީމް މިވަނީ ޒޯންއަށް ދަތުރުކޮށްފައެވެ. ދެން ވެސް އޮތީ ވަރަށް ވެސް ވަރުގަދަ ފޯރިގަދަ މެޗްތަކެކެވެ.
ނައިވާދޫ ޓީމުގެ މެނޭޖަރ މުޙައްމަދު ޞިރާޖު ވިދާޅުވީ، ” ޓީމް ނައިވާދޫގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އަޅުގަނޑުމެންގެ ކުޅުންތެރިންގެ ހިތްވަރާއި ބުރަ މަސައްކަތް. އެ ކުދިން ވަރަށް ގިނަ ވަގުތު ދީގެން، ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ހަމައެއާއެކު، ހުރިހާ ކުޅުންތެރިންވެސް ވަރަށް ބޮޑަށް ކޮމިޓްވެގެން ތިބިކަން ފާހަގަކުރަން. އެކުދިން ޓީމަށް ދޭންޖެހޭ ހުރިހާ އެއްޗެއް ދީފައިވޭ ދެން އެންމެ ފާހަގަކޮށްލަން ބޭނުންވާ އަދި ޝުކުރު އަދާކޮށްލަން ބޭނުންވަނީ ނައިވާދޫގެ ލޮބުވެތި ސަޕޯޓަރުންނަށް. ކޮންމެ މެޗެއްގައިވެސް، އަޅުގަނޑުމެންގެ ސަޕޯޓަރުން ވަރަށް ގިނަ އަދަދަކަށް ވަޑައިގެން، އަޅުގަނޑުމެންނަށް ހިތްވަރުދެއްވާ. އަދި ރަށުގައިވެސް އެންމެ އެއްތަނަކަށް އެއްވެ މެޗްބަލައި ސަޕޯޓް ކޮށްފައިވޭ. ދަނޑަށް ހާޒިރު ނުވެނުކަމުގައިވިޔަސް ސަޕޯޓް ކުރުމުގައި އެއްވެސް އުނިކަމެއް ނުގެނޭ. އެ ބޭފުޅުންގެ އަޑުގަދަ ސަޕޯޓަކީ އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. ޓީމް ނައިވާދޫގެ ސަޕޯޓަރުންނަކީ އަބަދުވެސް ތަފާތު ބައެއްކަން ފާހަގަކޮށްލަން”
މީގެ އިތުރުން ނައިވާދޫ ކައުންސިލަށް ދެއްވި އިންޓަވިއުގައި ޓީމްގެ ކޯޗު ވިދާޅުވީ ” ޓީމް ނައިވާދޫގެ ޕަފޯމަންސް ވަރަށް ފާހަގަކޮށްލެވޭ ރަނގަޅު ފެންވަރެއްގައި ހުރިކަން ފާހަގަކޮށްލަން. ޚާއްޞަކޮށް ޓީމުގެ ކޮމިޓްމަންޓް ވަރަށް ބޮޑަށް ފާހަގަކުރަން. ހުރިހާ ކުޅުންތެރިންވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ވަރަށް ފުރިހަމައަށް. އަދި ހަމައެހެންމެ، ޓީމުގެ މެނޭޖްމަންޓުގެ ހިތްވަރާއި ބުރަ މަސައްކަތްވެސް ފާހަގަކޮށްލަން. އަބަދުވެސް ޓީމަށްޓަކައި ތައްޔާރަށް ތިބިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ، ޓީމް ނައިވާދޫގެ ސަޕޯޓަރުންނަކީ ހަޤީޤަތުގައިވެސް ތަފާތު ބައެއް. އެ މީހުންގެ ސަޕޯޓް އަޅުގަނޑުމެންނަށް ލިބިފައިވަނީ ވަރަށް ވެސް ފުރިހަމައަށް. ޕްރެކްޓިސް މެޗުތަކާއި ޕްރެކްޓިސްތައް ވެސް ބަލަން ގޮސް ތިބޭ. މިފަދަ ދެވަނަ ސަޕޯޓަރުންތަކެއް ތިބި ރަށެއް އަޅުގަނޑު ނުދެކެން. މެޗް ނިމެންދެން ސަޕޯޓުގެ އަޑު ކުޑައެއް ނުވޭ. ކުޑައެއް ބޮޑެއް ވަކި އުމުރެއްގެ މީހުންނެއް ނޫން، މުޅި ނައިވާދޫ މި ކަމަށް ދީފައިވާ ލޯތްބާއި އިޙްތިރާމާއި ސަޕޯޓް ފެނިގެން ގޮއްސި. ޓީމް ހޯދި ކާމިޔާބީއަށް އަޅުގަނޑު ވަރަށް ބޮޑަށް ސާބަސް ދަންނަވަން. މި ކާމިޔާބީއަކީ ހަމައެކަނި ކުޅުންތެރިންގެ ނޫނީ ކޯޗުގެ ކާމިޔާބީއެއް ނޫން. މިއީ މުޅި ނައިވާދޫގެ ކާމިޔާބީއެއް. އެހެންކަމުން، ނައިވާދު ކައުންސިލަށާއި ނައިވާދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އަޅުގަނޑުމެންނަށް ދެއްވި އެއްބާރުލުމާއި ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން”
ފައިނަލް މެޗް ނިމުމާ ގުޅިގެން ޓީމާއި ސަޕޯޓަރުން އެއްވެ، މި އުފާވެރި ވަގުތު ފާހަގަކޮށްފައިވެއެވެ.
ނައިވާދޫ ކައުންސިލުން ވަނީ ކުޅުންތެރިންގެ ކުޅުމާއި ހިތްވަރަށް ސާބަސް ދަންނަވާފައެވެ. ކައުންސިލްގެ ރައީސް ޢަލީ ރަޝީދު މުޙައްމަދު ވިދާޅުވީ ” ނައިވާދޫގެ ލޮބުވެތި ރައްޔިތުންނާއި، ޓީމް ނައިވާދޫގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިޚްލާޞްތެރި މަރުޙަބާއެއް ދަންނަވަން. ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ހދ. އަތޮޅު ޗެމްޕިއަންކަން ހޯދައި، މުޅި ރަށަށާއި އަތޮޅަށް ނަމާއި ޝަރަފު ހޯދައިދެއްވި ކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން މަރުޙަބާ ދަންނަވަން މި ކާމިޔާބީއަކީ ހަމައެކަނި ކުޅިވަރުގެ ދާއިރާއިން ލިބުނު ކުރިއެރުމެއް ނޫން. މިއީ ނައިވާދޫގެ ޒުވާނުންގެ ހުނަރާއި، ގާބިލުކަމާއި، އަޒުމުގެ ހެއްކެއް. އަދި ހަމައެހެންމެ، މުޅި ރަށުގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަތީޖާއެއް. ޓީމް ނައިވާދޫގެ ކުޅުންތެރިންނާއި ކޯޗުންނާއި މެނޭޖްމަންޓުން ދެއްކި ހިތްވަރާއި ކެތްތެރިކަމަކީ އަޅުގަނޑުމެން އެންމެންނަށް ނަމޫނާއެއް. ތަމްރީނުތަކުގައި ވަގުތު ހޭދަކޮށް، އަމިއްލަ ދިރިއުޅުމުގެ ކަންކަން ފަހަތަށް ޖައްސައި، ރަށް ތަމްސީލުކުރުމަށް ކުރި މަސައްކަތަކީ ފަޚުރުވެރިވާންޖެހޭ ކަމެއް. ކައުންސިލަށް ލިބޭ ޢާމްދަނީއަށް ބަލާ، ކައުންސލުގެ ފަރާތުން އެއް އަހަރަށްވުރެ އަނެއް އަހަރު ދެވޭ އެހީތެރިކަން އިތުރު ކުރުމަކީ އަޅުގަނޑުމެންގެ ވިސްނުން. އަދި ވެސް އެއްފަހަރު ފުޓްސަލް ޓީމު ހޯދި ކާމިޔާބީއަށް ނައިވާދޫ ކައުންސިލުގެ ހުރިހާ މެމްބަރުންނާއި އިދާރީ ހުރިހާ މުވައްޒަފުންނާއި މުޅިނައިވާދޫގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި މަރުހަބާ ދަންނަވަން. އަދި ޒޯންގައި ރަނގަޅު ކާމިޔާބީއެއް ލިބި މުބާރާތުންވެސް ރަނގަޅު ކާމިޔާބީއެއް ލިބުން އެދި ދުޢާކުރަން”
ނައިވާދޫ ޓީމުގެ މި ކާމިޔާބީއާއެކު، ކުރިއަށް އޮތް ޒޯނަށް ތައްޔާރުވުމުގެ މަސައްކަތް ފެށިފައިވާއިރު، ސަޕޯޓަރުންގެ އެއްބާރުލުން ކުރިއެކޭ އެއްފަދައިން ޓީމަށް ލިބޭނެކަމީ ޝައްކެތް އޮތްކަމެއް ނޫނެނެވެ. އަޅުގަނޑުމެންގެ އުއްމީދަކީ ޓީމް ނައިވާދޫއަށް ކާމިޔާބީގެ އިތުރު ހަރުފަތަކަށް ވާޞިލްވުމެވެ.