ނައިވާދޫ ކައުންސިލް އިސްނަގައިގެން ރަށުގެ މުއައްސަސާތަކަށް ޓީމް ބިލްޑިންގް ޓްރޭނިންގް ޕްރޮގްރާމެއް ބާއްވައިފި
ނައިވާދޫ ކައުންސިލުން އިންތިޒާމްކޮށް، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން، ނައިވާދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ޓީމް ބިލްޑިންގް ޓްރޭނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2025 ޖުލައި 12 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ދެ ސެޝަންއަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ ސެޝަން ކުރިއަށް ގެންދިައީ ހެނދުނު 9:00 ން 11:30 ށް އަިދި ދެވަނަ ސެޝަން މެންދުރުފަހު 13:30 ން 15:00 އަށެވެ. މި ޕްރޮގްރާމަކީ ރަށުގެ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ބޭއްވުނު ޕްރޮގްރާމެކެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވި 65 މުވައްޒަފުން ވަނީ 4 ޓީމަކަށް ބަހާލެވިގެން ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރުތައް ކުރިއެރުވުމަށް އެހީތެރިވެދޭނެ ކުޅިވަރުތަކެކެވެ.
މިފަދަ ޕްރޮގްރާމްތަކަކީ މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެއްޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަށް ވަރަށް މުހިންމު ޕްރޮގްރާމްތަކެއް ކަމަށާއި، ރަށުގެ ތަރައްގީއަށް މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް މުހިންމު ކަމެއް ކަމަށް ނައިވާދޫ ކައުންސިލްގެ ރައީސް ވަނީ ފާހަޤަ ކުރައްވާފައެވެ.
