ޚަބަރު

ނައިވާދޫ ކައުންސިލްގެ ދެވަނަ މިނިވަން ވޮލީބޯޅަ މުބާރާތް 2025 ކާމިޔާބު ކަމާއެކު ނިންމާލައިފި- އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް ހައްވައަށް އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް ދަންފުޅިއަށް

ހދ. ނައިވާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ނައިވާދޫ ކައުންސިލްގެ ދެވަނަ މިނިވަން ވޮލީބޯޅަ މުބާރާތް 2025، ކާމިޔާބު ކަމާއެކު ނިމިއްޖެއެވެ. ނައިވާދޫގައި ވޮލީބޯޅަ ކުރިއެރުވުމަށް ބޭއްވި މި މުބާރާތް ފެށިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ޖުމްލަ 12 ޓީމް ބައިވެރިވިއެވެ. އޭގެތެރޭގައި 6 އަންހެން ޓީމާއި 6 ފިރިހެން ޓީމް ހިމެނެއެވެ. މުބާރާތުގެ ތެރެއިން ޖުމްލަ 18 މެޗް ކުޅެވިފައިވެއެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ދެ ޑިވިޜަންގެ ސެމީ ފައިނަލް މެޗުތަކަށްފަހު، އަންހެން ޑިވިޜަންގެ ފައިނަލްގައި ބައްދަލުކޮށްފައިވަނީ ޓީމް ހައްވަ އަދި އޯޝިއާނޯއެވެ. ފިރިހެން ޑިވިޜަންގެ ފައިނަލްގައި ބައްދަލުކޮށްފައިވަނީ ނައިވާދޫ ކައުންސިލްގެ ފުރަތަމަ މިނިވަން ވޮލީބޯޅަ މުބާރާތް 2024 ގެ ޗެމްޕިއަން ޓީމްކަމަށްވާ ޓީމް ޑިކްސީ އާއި މި މުބާރާތުގައި އަލަށް ބައިވެރިވި ޓީމް ދަންފުޅިއެވެ.

އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން 3 ސެޓް 2 ސެޓުން ހޯދައިފައިވަނީ ޓީމް ހައްވައެވެ. ޓީމް ހައްވަ އަކީ ނައިވާދޫ ކައުންސިލްގެ ފުރަތަމަ މިނިވަން ވޮލީބޯޅަ މުބާރާތް 2024 ގެ ރަނަރަފް ޓީމެވެ.  ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އެ ޓީމްގެ ޖަރޒީ ނަންބަރު 10 އައިޝަތު އަރީކާ ހޮވިފައިވާއިރު، މުޅި މުބާރާތުގެ 6 ކުޅުންތެރިންގެ ތެރޭގައިވެސް އަރީކާ ހިމެނިފައިވެއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަޤާމްވެސް އައިޝަތު އަރީކާ ވަނީ ހޯދާފައެވެ.

ފޯރިގަދަ އަދި ވާދަވެރި މެޗަކަށްފަހު ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން 3 ސެޓް 1 ސެޓުން ހޯދައިފައިވަނީ ޓީމް ދަންފުޅިއެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އެ ޓީމްގެ ޖަރޒީ ނަންބަރު 12 ހަސަން ޒިޔާދު ހޮވިފައިވާއިރު، ހަސަން ޒިޔާދަކީ އަންހެން ޑިވިޜަން ޗެމްޕިއަންކަން ހޯދި ޓީމް ހައްވަގެ ކޯޗުކަންވެސް ކުރި ފަރާތެކެވެ.

މި މުބާރާތުގައި ދެ ޑިވިޜަންގެވެސް އެންމެ މޮޅު 6 ކުޅުންތެރިންނާއި، ލިބަރޯއާއި، ކޯޗާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ފެއަރ ޕްލޭ ޓީމް ވަނީ ހޮވާފައެވެ.

އަންހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅުންތެރިން:

ޓީމް ހައްވަގެ ޖަރޒީ ނަމްބަރު  10  އާއިޝަތު އަރީކާ

ޓީމް ހައްވަގެ ޖަރޒީ ނަމްބަރު  27  މަރިޔަމް ރަޝީދާ

ޓީމް އޯޝިއާނޯގެ ޖަރޒީ ނަމްބަރު 9 އާއިޝަތު އާލާ

ޓީމް އޯޝިއާނޯގެ ޖަރޒީ ނަމްބަރު  8 އާއިޝަތު ފައިހާ

ޓީމް ރަބިޢީ ޓީމް ޖަރޒީ ނަންބަރު  5  އާއިޝަތު ދީމާ ނަދީމް

ޓީމް އޯޝިއާނޯގެ ޖަރޒީ ނަމްބަރު  11 އަމާނީ ޒުހައިރު

އެންމެ މޮޅު ލިބަރޯ ޑިކްސީގެ ކަނބަލުންގެ ޖަރޒީ ނަންބަރު 5 ސަމީރާ ޢަބްދުﷲ ނަޢީމް

އެންމެ މޮޅު ކޯޗު ޓީމް އޯޝިއާނޯގެ ކޯޗު އަޙްމަދު ފާއިޒް

ފެއަޕްލޭ ޓީމް- ރަބިޢީ ޓީމް

 

ފިރިހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅުންތެރިން:

ޓީމް ދަންފުޅިގެ ޖަރޒީ ނަންބަރު 15 މަހޭޝް ޗަންދުރަކުރަމަ

ޓީމް ޑިކްސީގެ ޖަރޒީ ނަންބަރ 16 ހަސަން ތަސްލީމް

ޓީމް ޑިކްސީގެ ޖަރޒީ ނަންބަރު 2 ހުސައިން އަސްލަމް

ޓީމް ޓޮއްޓޮލާގެ ޖަރޒީ ނަންބަރ 5 މުޙައްމަދު ޖަޒުލާން

ޓީމް ޗިލްޝޮޓްގެ ޖަރޒީ ނަންބަރ 12 ހުސައިން ސަލީމް

ޓީމް ދަންފުޅިގެ ޖަރޒީ ނަންބަރު  7  އިބްރާހިމް އަލީ

އެންމެ މޮޅު ލިބަރޯ ޑިކްސީގެ ޖަރޒީ ނަންބަރު 8 ސިމްޙާޒް ހަމީދު

އެންމެ މޮޅު ކޯޗު ޓީމް ޓޮއްޓޮލާގެ ކޯޗު އަބްދުﷲ ޝަޙީމް

ފެއަޕްލޭ ޓީމް – ޗިލްޝޮޓް

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ސްޕޯޓްސް، އަލްފާޟިލް ޢަބްދުއްރައްޒާޤު އިބްރާހީމެވެ. އެ މަނިކުފާނުގެ ޝަރަފުވެރި ވާހަކަފުޅުގައި، ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫންކަމާއި، އޭގެ ޒާތުގައި ވެސް ޢިލްމާއި ތަޖުރިބާ ލިބިގަނެވޭ ތަޢުލީމީ މަސްދަރެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު، ކުޅިވަރަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ޙާޞިލުކުރުމަށް ލިބިގެންވާ ޝިފާއެއް ކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންމެ އުމުރެއްގައި ވެސް ކުޅިވަރުގައި ޝާމިލުވެ، އެކަމުގައި ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ހިތްވަރު ދެއްވިއެވެ. ޕ

މި މުބާރާތަކީ ހދ ނައިވާދޫގައި ވޮލީބޯޅަ ކުޅުމުގެ ހުނަރު ތަރައްޤީކޮށް، މި ކުޅިވަރު ކުރިއެރުވުމަށް ނައިވާދޫ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެއް މުބާރާތެވެ.  ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމުގެ އިތުރުން، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭ ބަޔަކު އުފެއްދުމަށް މަގުފަހިކުރުމަކީ މިފަދަ މުބާރާތްތަކުގެ މައިގަނޑު މަޤްޞަދެވެ. މީގެ އިތުރުން، މި ކަހަލަ ހަރަކާތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކޮށްދޭ ވަސީލަތްތަކެވެ. ނައިވާދޫ ކައުންސިލްގެ އަމާޒަކީ މި ފަދަ މުބާރާތްތައް އިތުރަށް ފުޅާކޮށް، ފެންވަރު މަތިކޮށް، އަދި މުޅި ރަށުގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، މި ފަދަ ހަރަކާތްތައް އަހަރުން އަހަރަށް ކުރިއަރުވައި، ރަށުގެ އިޖްތިމާޢީ ފޭރާމުގައި މުހިންމު ދައުރެއް އަދާކުރާ ޙަރަކާތްތަކަކަށް ހެދުމަކީވެސް ކައުންސިލްގެ އުންމީދެކެވެ. މި ގޮތުން، ކުރިއަށް އޮތް ތަނުގައި މުބާރާތްތަކުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ބައިވެރިންނަށް ލިބޭ ތަޖުރިބާ އިތުރަށް މުއްސަނދިކުރުމަށް ރޭވިފައިވެއެވެ. އަދި މި ފަދަ މުބާރާތްތަކުގެ ސަބަބުން ރަށުގެ ކުޅިވަރު މަޝްރަޙު ފުޅާވެ، ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ކުޅުންތެރިން އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ.