ހދ. ނައިވާދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ މެންބަރުން ހުވާ ކުރައްވާ 2 ވަނަ ދައުރުގެ އ.ތ.މ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރައްވައިފި.
ހދ. ނައިވާދޫ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރުގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
2026 މެއި 17 ވީ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި ނައިވާދޫ ޕްރީސްކޫލުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކައުންސިލް މެންބަރުންނަށް ހުވާލާދެއްވީ ހދ. ކުޅުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، ހައްވާ އިބްރާހީމެވެ. އެގޮތުން ކައުންސިލްގެ 5 ވަނަ ދައުރަށް އަލަށް އިންތިޚާބުވެ، ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގަތީ މުޙައްމަދު ނައުފަލް އެވެ. ކައުންސިލް މެންބަރުންގެ ގޮތުގައި ހުވާކުރެއްވީ އަޙްމަދު އާފާޤު އަދި ސަލީމާ މުޙައްމަދު ވަޙީދު އެވެ.
އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ވަނަ ދައުރަށް އިންތިޚާބުވެ، އިޤުރާރުގައި ސޮއިކުރެއްވީ ކޮމިޓީގެ ރައީސާ ފަޒީނާ ޢަބްދުލްޣައްފާރުގެ އިތުރުން، މެންބަރު މުނީރާ އަޙްމަދު އަދި މެންބަރު ފާޠިމަތު ހާނީ އެވެ.
މި ރަސްމިއްޔާތު ނައިވާދޫ ކައުންސިލްގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ވަނީ ދައްކާފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި ރަށުގެ އެކި މުވައްސަސާތަކުގެ އިސްވެރިންނަށާއި، ދައުރު ނިމިދިޔަ 4 ވަނަ ދައުރުގެ ކައުންސިލް މެންބަރުންނާއި އ.ތ.މ ކޮމިޓީގެ މެންބަރުންވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތަކީ ރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށް އޮތް ދައުރުގައި މަސައްކަތްކުރާނެ އައު ޓީމެއް ރަސްމީކޮށް މަސައްކަތާ ހަވާލުވުމަށް ބޭއްވުނު މުހިންމު ރަސްމިއްޔާތެކެވެ. އައު ކައުންސިލާއި އ.ތ.މ ކޮމިޓީން މަސައްކަތް ކުރާނީ ރަށުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައަށް އިސްކަންދީގެން ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
🎥: Youtube Live

