ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގައި ނައިވާދޫ ފުޓްސަލް ޓީމްބައިވެރިވެއްޖެ
ހއ. އިހަވަންދޫގައި ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ބޮޑު ތިލަދުންމަތީ ފުޓްސަލް ޗެލެންޖްގައި ނައިވާދޫގެ ފުޓްސަލް ޓީމުން ބައިވެރިވެއްޖެއެވެ.
މިމުބާރާތަކީ ހއ، ހދ، ށ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކާއި، އަދި ކުންފުނިތަކާއި ރިސޯޓުތަކާއި ބޮޑު ތިލަދުންމަތީގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، މި ތިން އަތޮޅުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް ބާއްވާ މުބާރާތެކެވެ.
މުބާރާތް ކުރިއަށްދާނީ އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގައި ހެދިފައިވާ ހާއްސަ ފުޓްސަލް ދަނޑެއްގަ އެވެ. މުބާރާތް ހިންގާނީ އިހަވަންދޫ ސީޕީއެސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް (ސާކް) އިންނެވެ.
މި މުބާރާތުގައި ބައިވެރިވި ނައިވާދޫގެ ފުޓްސަލް ޓީމް ބައިވެރިވެ މިހާރު ވަނީ ޕްރެކްޓިސް ފަށާފައެވެ. ނަމަވެސް ނައިވާދޫ ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ނައިވާދޫ ފުޓްސަލް ކުޅެވޭނެ ދަނޑެއް ނެތުމެވެ. މިހާރު ޕްރެކްޓިސް ކުރަމުންދާ ދަނޑަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ދަނޑެކެވެ. ނަމަވެސް ހުރިހާ ކުދިންގެ އުންމީދަކީ އެކަށީގެންވާ ރަނގަޅު ކާމިޔާބެއް ހޯދުމެވެ. ނައިވާދޫ ފުޓްސަލްޓީމަކީ 2023 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަން ޓީމުގެ އިތުރުން ޒޯން ޗެމްޕިއަންޓީމެވެ.
